11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދާއި ހަވާލާދެއްދައި، ރާއްޖޭގެ އޮންލައިނެއް ކަމަށްވާ "އަދަދު" ނޫހުގައި ވަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށެވެ.
ޔާމީން ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ކަމަށާއި އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލުކުރެވޭނެ ކަމަށާއި ގެއަށް ބަދަލުކުރެވޭނެ ހާލަތްތަކެއް ކަމަށް ޔުސްރީން އާ ހަވާލާދީ އެ ނޫހުގައި ވެއެވެ.
އެހެންނަމަވެސް ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލުގެ ތަފްސީލެއް ހާމަކުރައްވާފައެއ ނުވެއެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު 82 ވަނަ މާއްދާގައި ގައިދީއަކު ގެއަށް ބަދަލުކުރެވޭނެ ސިއްހީ ނުރަކަލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ހުރުން ނުވަތަ ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް ހުރުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ހުރުމެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބަށްފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ޔާމީން ގެއަށް ބަދަލުކުރެއްވީ މި ދަނޑިވަޅުގެ މަސްލަހަތަށް ބައްލަވައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!