މިއަހަރުގެ "ހިޔަލަ" އެކްސްޕޯ ހދ އަތޮޅާއި ށ އަތޮޅުގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީ.ސީ.ސީ) އިން ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގެވެށި މަސައްކަތްތެރިންގެ ދުވަހާއި، ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް، ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެއް ކަމަށެވެ.
މިފަހަރުގެ އެކްސްޕޯ އިންތިޒާމްކުރަނީ އެ ކުންފުނީގެ ކުޅުދުއްފުށި ސިޓީ ބްރާންޗާއި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއާއި ހދ. އަތޮޅު ކައުންސިލް ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.
2021 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެކްސްޕޯ އެ އަހަރު ބޭއްވީ ކުޅުދުއްފުށި ސިޓީގައި ހަމައެކަނި އެ ސިޓީއަށް ހާއްސަކޮށްގެންނެވެ. އަދި ނިމިދިޔަ އަހަރު ބޭއްވީ ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެންނެވެ.
އެހެންކަމުން ފާއިތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި، މިއަހަރުގެ އެކްސްޕޯގައި ށ. އަތޮޅުގެ ހުރިހައި ރަށަކަށް ވެސް ބައިވެރިވުުގެ ފުރުސަތު ހުޅުވައިލިއިރު، އެކްސްޕޯ އޮންނާނީ އަންނަ ޑިސެމްބަރުބަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައެވެ.
މިފަހަރުގެ އެކްސްޕޯގައި ވިޔަފާރި އުސޫލުން ވިއްކުމަށާއި، ޖަޖްކުރުމަށް ވެސް އަމިއްލަ އުފެއްދުންތައް ބައިވެރިކުރެވޭނެ ކަމަށާއި އަމިއްލަ އުފެއްދުންތައް ޖަޖްކުރެވޭނެ މައިގަނޑު 5 ދާއިރާއަކީ ކޭކު / ޕޭސްޓްރީ، ގިނަ ދުވަހު ބެހެއްޓޭ / ބަންދުކޮށްފައިވާ ތައްޔާރީ ކާނާ، ފެހުމުގެ ބާވަތްތައް / ފޮތިން ހަދާފައިވާ ތަކެތި އަދި ގޭތެރޭ ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެއްޗާއި އަތްތެރި މަސައްކަތުގެ އެހެނިހެން ބާވަތްތައް ކަމަށް ބިސީސީ އިން ވިދާޅުވެއެވެ.
"ހިޔަލަ އެކްސްޕޯ" ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 30 އާއި ހަމައަށް ހުޅުވައިލާފައިވާއިރު، އެކްސްޕޯގައި ބައިވެރިވާން ހުޅުވާލާފައިވާ އުމުރުފުރާތަކަކީ 16 އަހަރާއި 25 އަހަރާއި ދެމެދު، 26 އަހަރާއި 35 އަހަރާއި ދެމެދު، 36 އަހަރާއި 50 އަހަރާއި ދެމެދު އަދި 51 އަހަރުން މަތީ އުމުރުފުރާއެވެ.
އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި، އަތޮޅާއި ރަށް އަދި މޯބައިލް ނަންބަރު ޖެހުމަށްފަހު 7917089 އަށް އެސް.އެމް.އެސް ކުރެވޭނެއެވެ. އަދި ބީ.ސީ.ސީ އިން އޮންލައިންކޮށް އެކަމަށް ހާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ވެސް ރަޖިސްޓަރވެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!