ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމުގައި، ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ނަޝީދު މަގާމުން ވަކި ކުރުމަށް 39 މެމްބަރުންގެ ސޮއި ވަނީ ހަމަވެފައެވެ.

Ad
rt

މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔަ ޖޫން މަހު 54 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅިއެވެ. އެކަމަކި މިދިޔަ މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގައިފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި މިހާރު ވެސް 50 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބަށްފަހު ނަޝީދު އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެން، އެމްޑީޕީގެ ބައެއް މެމްބަރުންނާ އެކު ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. ޑިމޮކްރަޓްސް ޕާޓީއާ ގުޅިވަޑައިގެން، ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ނަޝީދު ފާޑު ވިދާޅުވެފައިވެއެވެ. އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރިއެވެ. ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނުކުންނަވައި، 15،000 އަށް ވުރެ ގިނަ ވޯޓާ އެކުގައި ދިޔައީ ތިން ވަނަ އަށެވެ.

ދެވަނަ ބުރުގައި ޑިމޮކްރަޓްސް ޕާޓީން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެކަމަކު ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ދެވަނަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ތާއީދު ކުރި މަންޒަރު ފެނިފައިވެއެވެ.