ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗުން މޮޅުވެ ރެއާލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ.
މިރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 4-0 ގެ ނަތީޖާއިން އޮސަސޫނާ ބަލިކޮށްފައެވެ.
މި މޮޅާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް ކުޅުނު ނުވަ މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ޖިރޯނާއަށް ނުވަ މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ. ތިންވަނާގައި އޮތް ބާސާއަށް އަށް މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. ބާސާ މާދަމާރޭ ރަށުން ބޭރުގައި ނުކުންނާނީ ގްރަނާޑާއާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ.
މި މެޗުގައި ރެއާލަށް ފުރަތަމަ ލަނޑު 9 ވަނަ މިނެޓުގައި ޖަހައިދިނީ ބެލިންހަމެވެ. ލުކާ މޮޑްރިޗާއި ކަރަވަހާލް ގުޅިގެން ތަނަވަސް ކޮށްދިން ފުރުޞަތުގައި ބެލިންހަމް ވަނީ އޮސަސޫނާގެ އޭރިއާތެރޭ ހުރެ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލާފައެވެ. ރެއާލުގެ ދެވަނަ ލަނޑު 54 ވަނަ މިނެޓުގައި ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ވެސް ބެލިންހަމެވެ. މިއީ އޭނާ ރެއާލަށް މި ސީޒަންގައި ކުޅުނު 10 މެޗުގައި ޖެހި 10 ވަނަ ލަނޑެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ބެލިންހަމް ވަނީ ބަދަލު ކޮށްފައެވެ. އޭނާ ދަނޑުން ފޭބިވަގުތު ރެއާލުގެ ސަޕޯޓަރުން ވަނީ އޭނާގެ ނަން ގޮވައި ވަރަށް ބޮޑަށް ތަރުހީބު ދީފައެވެ.
ރެއާލުގެ ތިންވަނަ ލަނޑު 65 ވަނަ މިނެޓުގައި ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ވިނީސިއަސް ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު ވިނީސިއަސް ދިން ބޯޅައަކުން ޖަހައިދިނީ ހޯސެލޫއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ހޯސެލޫ ފޮނުވާލި ޕެނަލްޓީ އޮސަސޫނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!