ވައުދުވެވަޑައިގެންނެވިގޮތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު ތ. ގުރައިދޫއަށް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
އެކަން ހާމަކުރައްވާފައިވަނީ 'ވަގުތު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި މުއިއްޒު ވިދާޅުވެފައިވަނީ ކެމްޕެއިންގެ ތެރޭގައި ކޮންމެ ރަށަކަށް ވަޑައިގަތުމުން ވެސް އެދެމުން ދިޔައީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެ ރަށަކަށް ވަޑައިގަތުމަށް ކަމަށެވެ.
އެހެންނަމަވެސް އެއްފަހަރާ ހުރިހައި ރަށަކަށް ވަޑައިނުގެންނެވޭނެކަން ހާމަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަމުގައި ކަންތައް ކުރައްވާނެ ގޮތަކާއި ގުޅޭގޮތުން ޕީޕީއެމް، ޕީއެންސީގެ ލީޑާޝިފްގެ ތެރޭގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
ކެމްޕޭނަށް މުޢިއްޒު ގުރައިދޫއަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުޙަބާ ކިޔަނީ، ފޮޓޯ: ޕީޕީއެމް
އެގޮތުން އެންމެ އިންސާފުވެރި ގޮތަކީ އެންމެ މަތީ ޕަސެންޓެއް ހޯދާ ރަށަކަށް ވަޑައިގަތުން ކަމަށާއި އެގޮތަށް ނިންމާ އެކަން އިއުލާނު ކުރަައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މުއިއްޒު ވިދާޅުވީ އެގޮތުން ބަލާއިރު ދެވަނަ ބުރުގައި އެންމެ މަތީ ޕަސެންޓެއް ހޯދާފައިވަނީ ތ. ގުރައިދޫ އިން ކަމަށާއި އެ ޕަސެންޓާ ވަރަށް ގާތުން ނަތީޖާ ހޯދާފައި އެހެން ރަށްރަށް ވެސް އެބަހުރި ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ގުރައިދޫ އަށް ވަޑައިގަންނަވާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސައްކަތް ފައްޓަވައި ބައެއް ކަންކަން ސަރުކާރުގެ ތެރޭގައި ހަމަޖެއްސެވުމަށް ފަހު މާގިނަ ދުވަސްތަކެ ނުވެ ގުރައިދޫ އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވަނީ އިންތިހާބު ކާމިޔާބު ވެވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެންމެ މަތިން ޕަސެންޓް ހޯދާ ރަށަކަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!