ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކުރައްވައިފިއެވެ.

މިއީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ކޮމެޓީއެކެވެ.

Ad
rt

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ހަމަޖެއްސެވުމާއި ގުޅިގެން މަސްއޫލިއްޔަތު ހަވާލު ކުރެއްވުމަށް ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ވަނީ ާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހެނީ އިންތިހާބުވާ ރައީސް އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސައްކަތް ކުރުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހޭއިރު، އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން މިކަންކަމަށް އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ސާލިހުގެ ފަރާތްޕުޅުން ވެސް ކޮމިޓީއެއް އުފައްދަވާފައިވާއިރު، އެކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.