ދޮން ދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ދިވެހި ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އުމުރުން 8 އަހަރުގެ ދޮންދަރިފުޅު އޮކްޓޫބަރު 2018 ގައި ނިދާފައި އޮއްވައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މީހާ ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާގެ ދައްތަ އާއި މާމަ އަށް އެ ކުއްޖާ ކިޔައިދީފައިވާއިރު އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު އޮތްގޮތުން ވެސް އެ ކުއްޖާގެ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން އެ ކުއްޖާ އަށް ބަރަހަނާ ފިލްމު ވެސް އެ މީހާ ދެއްކި ކަމަށް އެ ކުއްޖާ ބުނާއިރު، ދޮންބައްޕަގެ ހާޑް ޑިސްކުން ގިނަ އަދަދެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ފެނިފައިވާތީ އެ ކުއްޖާގެ ވާހަކަތަކާ އެ ކަން ގުޅުވައިލެވޭ ކަމަށް ހުކުމުގައި ވެ އެވެ.
އެ ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާތަކެއް ލިބިފައި ނެތް ކަމަށް މެޑިކަލް ރިޕޯޓުތަކުގައި އޮތަސް، އެއީ ޖިންސީ ގޯނާ ކޮށްފައި ނުވާ ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ދަށު ކޯޓުގެ ހުކުމަކަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!