މުދައްރިސުންނަކީ ގައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއް ކަމަށާއި ކަތިކަން ނައްތާލާ ރަހަފަތިތަކެއް ކަމަށް އިބްތިހާބީ ރައީސް، މާލޭ ސިޓީގެ ޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްބި މެސެޖުގައި މުދައްރިސުންނަކީ އަންނަހާ ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކާމިޔާބީގެ އައްސޭރިއަށް ގައުމަކަށް ވާސިލުވެވޭނީ ހަރުދަނާ އަހުލާގާއި، ތަނަވަސް އިލްމާއި، ކުޅަދާނަ ހުނަރުވެރިކަމުގެ މައްޗަށް ތައުލީމީ ނިޒާމު ބިނާވެގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ މުދައްރިސުންގެ ޢަދަދު މަދުކަމާއި މިއީ ރާއްޖެއަށް ވެސް އޮތް މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އަދި ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ ވިސްނާ ފިކުރުކުރަންޖެހޭ ބޮޑު ސުވާލެއްކަން ވެސް ފާހަގފަކުރެއްވިއެވެ.
އިންތިހާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މިދެ މައްސަލައަށް ވެސް އިސްކަން ދެއްވާނެ ކަމަށާއި 21 ވަނަ ގަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމާއި، ޤާބިލުކަން އަށަގަންުވާނެ ކަމަށެވެ. އަދި އުޅުންތެރިކަމާއި، އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތުމާއި، އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަ އަށަގަންނާނެފަދަ ގޮތަކަށް ތައުލީމީ މަންހަޖު އަލުން ބައްޓަން ކުރައްވާނެ ކަމަށެވެ.
ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ތައުލީމީ ހުރިހާ މަރުޙަލާއެއްގައި މިއަގުހުރި ހިދުމަތް އަދާކުރައްވާ ހުރިހާ ފަރާތްތަކަށް އިންތިހާބީ ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!