ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
އެ ހިތާބުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ގައުމީ ހިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމީ ތަރައްގީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައްކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނު ވަނީ ދިވެހިންގެ ދީނީ އަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިއާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.
ރައީސްގެ ހިތާބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!