ބަރުލަމާނީ ނިޒާމުގެ ވޯޓުގެ މައްސަލަ މަޑުޖައްސާލަން ނިންމަވާފައިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު އިއްޔެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ބޭއްވެވި ބައްދަލުވުމުގައި ހިއްސާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ މެދުގައި ފިލާ ނުދާކަން މުއިއްޒަށް ދެންނެވި ކަމަށާއި އެހެންވެ، ނިޒާމުގެ ވޯޓުގެ ކަންކަން މަޑު ޖައްސާލައްވާނެ ކަމަށް މުއިއްޒަށް ދަންނަވާފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންނަށް އެކަން ފަހުމް ވުމުން ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމުގެ އިޝާރާތެއް މުއިއްޒު ދެއްވި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ކުރިން ނިސްބަތްވެވަޑައިގެންނެވި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީން ވެސް ނިންމާފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށެވެ.
މި މަހުގެ 30 ގެ ކުރިން ނިޒާމު ކަނޑައެޅުމުގެ ވޯޓެއް ނެގުމަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ އެމްޑީޕީގެ ވެސް ރުހުމާ އެކު އެވެ.
އެހެން ނަމަވެސް، ފަހުން އެމްޑީޕީން ބުނެފައިވަނީ މިއީ ނިޒާމީ ވޯޓެއް ނެގުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށާއި، ޑރ މުއިއްޒަށް ވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދެން ޖެހޭނެ ކަމަށެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!