ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅައިލަންްް ނުފެންނަކަމަށް އަދާލަތު ޕާޓީ (އޭޕީ)އިން ވެސް ރޭ ނިންމައިފިއެވެ.

އަދާލަތުން ބުނީ، ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް، ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ.

Ad
rt

އަދާލަތުން މި ނިންމުން ނިންމިއިރު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ވެސް ރޭ ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި ތިން ވަނަ އަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާޙީމް ވެސް ވަނީ ބަރުލަމާނީއާއި ދެކޮޅުކަމަށް ވިދާޅުވެފައެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވަނީ ބަރުލަމާނީ އާއި ދެކޮޅު ހަދާފައެވެ.

އައު ދައުރަކަށް ރާއްޖޭގެ ވެރިކަމާއި ހަވާލުވާ ޕީޕީއެމް/ޕީއެންސީން މިކަމާއި ރަސްމީގޮތުން ގޮތެއް ނުނިންމި ނަމަވެސް އެ ޕާޓީތައް ވެސް މިހާތަނަށް ބަރުލަމާނީއާއި ދެކޮޅެވެ.

މިހާތަނަށް ބަރުލަމާނީ ގެނައުމަށް ވަކާލާތުކޮށް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް، މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އެކަންޏެވެ. އެ ޕާޓީން އަންނަނީ ނިޒާމީ ވޯޓަކަށް ދިޔުމަށް ފުރޮޅެންހުރި ގަލެއްވިއްޔާ ފުރޮޅޭތޯ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.