އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ނަޝީދުގެ ދައުވަތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުއިއްޒު މަޖިލިހުގެ އިދާރާ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަރަށް ގިނަ އަދަދެއްގެ މެމްބަރުން މަރުހަބާ ދެންނެވިއެވެ. އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި އެމްޑީޕީގެ ބައެއް މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ އަދި އެމްޑީއޭގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގައި ނަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި މުއިއްޒު ވެސް ވަނީ މި ބައްދަލުވުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.
މުއިއްޒު މިއަދު މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލު ކުރެއްވި އިރު، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ކޮމެޓީތައް އެކުލަވާލައި، އެ މަސައްކަތް ވަނީ ފަށައިފަ އެވެ. މުއިއްޒު އެކުލަވާލެއްވި އިންތިގާލީ ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާއަށް ސަރުކާރުގެ ފަރާތުން އެކުލަވާލި ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރެވެ. އަދި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!