މިދަނޑިވަޅުގައި ކުރަންޖެހޭ ހަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގަވައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް އަންގަވައި ބަޔާނެއް ނެރެފައި މިވަނީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރާއި އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ ދަނޑިވވަޅުގައެވެ.

Ad
rt

އޭސީސީ އިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ފަރާތްތަކުން ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އެހެންވެ، ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތަކަށް ޢަމަލު ނުކުރުމަށް އޭސީސީ އިން ވަނީ އަންގަވާފައެވެ.

އެގޮތުން ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އައު މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށް ވެސް ވަނީ އަންގަވާފައެވެ. އަދި ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ ޢަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަނަމަ އެ ފަދަ ނިންމުންތައް ނުނިންމުމަށް ވެސް އެދިލައްވާފައި ވެއެވެ.

މީގެ އިތުރުން ލިޔެކިއުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު، ފައިސާއާއި، ވިޔަފާރިއާއި މުއާމަލާތްތަކާއި ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނައްތައިނުލުމަށް އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަންދެއްވުމަށް ވެސް އޭސީސީ އިން ވަނީ އަންގަވާފައެވެ.

އޭސީސީ އިން ވަނީ މިދަނޑިވަޅުގައި މިފަދަ ޢަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެ ކޮމިޝަނަށް ހިއްސާކުރުމަށް ވެސް އެދިލައްވާފައެވެ. އަދި ކޮމިޝަނުން އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ވެސް އެ ބަޔާނުގައިވަނީ ހާމަކުރައްވާފައެވެ.

ހަމަމިއާއެކު މިފަދަ ޢަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް އޭސީސީ އިން ދެއްވާފައިވެއެވެ.