ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީއަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހަޅުއްވި އިސްލާހްގެ ބިލް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރު އިންތި ވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އިންތި މި ބިލް ހުށަހެޅުއްވީ މި ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ.
މި ބިލާއި ގުޅިގެން ޓްރާންސްޕޭރަންސީން ނެރުނު ބަޔާނެއްގައި ބުނީ މި ބިލުގެ ސަބަބުން ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހްތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުން އެކަމާމެދު ރުހުން ދިނުމަށް އޮންނަ ބާރު ކެނޑިގެން ހިނގައިދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިޚާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި މުހިއްމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލާ ބަދަލު ގެނައުމުގެ ބާރު ނުދިނުން ކަމަށް މިބަޔާނުގައި ބުނެފަވެއެވެ.
ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާ ގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިއްމު މާއްދާތަކަށް، ބަދަލު ގެނައުމުގެ ބާރު ލިބިދޭ ގޮތަށް މި ބިލް ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް ޓްރާންސްޕޭރަންސީން ވަނީ ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!