އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އާދީއްތަ ދުވަހުގެ އިޢުލާން ކުރަން ހަމަޖެހިފައިވާކަން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ ކޮމިޝަންގެ ނައިބް ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއާއި ޖުމްލަ ނަތީޖާ މިހާރު ކޮމިޝަނުން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ.

Ad
rt

އިތުރަށް ވިދާޅުވެފައި ވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާން ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ވާދަކުރެއްވި ކެނޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒުއެވެ. މުއިއްޒު ވަނީ އިންތިހާބުގައި ވޯޓްލީ މީހުންގެ 54 އިންސައްތަ ވޯޓް ހޯއްދަވާފައެވެ. މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ލިބިލެއްވީ 46 އިންސައްތަ ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އިއްޔެ ބާއްވާފައިވާއިރު، އިލެކްޝަން ކޮމިޝަނުން ވޯޓްލުމުގެ އެންމެހާ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ. އެކަން ފާހަގަކޮށް ގިނަބަޔަކު އަންނަނީ ސޯސަލް މީޑިއާގައި އެ ކޮމިޝަންގެ މަސައްކަތް ބަލައިގަނެ ތައުރީފް ކުރަމުންނެވެ.