ގދ. ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި ކަމަށާއި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ.
އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހާ ރުޅިއައިސްފައިވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅައިލީ ވޯޓު ފޮށި ބަންދުކޮށްފައި ވަނިކޮށެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން އެކި މައްސަލަތަކުގައި ތަފާތުއެކި ފަހަރުމަތިން 20 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައެވެ. އަދި އިންތިހާބު ކުރިއަށް ދިޔަ ވަގުތު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައި އާންމުކުރި 19 މީހަކު ހައްޔަރުކުރިއިރު، އެ އެންމެން އިއްޔެ ވަނީ ދޫކޮށްލާފައެވެ.
މިވަގުތު ހައްޔަރުގައި ހުރީ ވާދޫ ގައި ވޯޓު ފޮށި ފަޅާލި މީހާ އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!