ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.
މަރުހަބާ ވިދާޅުވެ އެކްސްގައި މޯދީ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އިއްޔެ ބާއްވާފައިވާއިރު މުއިއްޒު އިންތިހާބް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ސޯލިހު މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ދެވަނަ ބުރުގައި މުއިއްޒު 53.9 އިންސައްތަ ހޯއްދެވިއިރު ރައީސް ސޯލިހުއަށް ލިބިލެއްވީ 46.1 އިންސައްތައެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ލުމުގެ ހައްގު 282,804 މީހުންނަށް ލިބިފައިވީ ނަމަވެސް ވޯޓް ލާފައި ވަނީ 243،000 މީހުންނެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 86 އިންސައްތައެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުތް ޑރ.މުއިއްޒުގެ ޓީމުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭތިބުމެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ކެމްޕެއިންގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އައީ ފާޅުގައި "އިންޑިއާ އައުޓް" ގޮވައި އަޑު އުފުލަމުންނެވެ. ކެމްޕެއިން އެތައް ޖަލްސާއެއްގައި އިންޑިޔާ ސިފައިން ރާއްޖެއިން ބާލުއްވާނެ ކަމަށް މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!