އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސް ކާމިޔާބުކޮށް، ލީގުގައި ސިޓީ މައްޗަށް ކުރި ހޯދި ފުރަތަމަ ޓީމްގެ ޝަރަފް ވުލްވްސް އިން ހޯދައިފިއެވެ. ރޭ ވުލްވްސް އިން އަމިއްލަ ދަނޑުގައި ވަނި 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ.
ލީގުގައި މިހާތަނަށް ސިޓީން ހަތް މެޗު ކުޅެފައިވާއިރު، އެ ހަތް މެޗުން ހޯދި 18 ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ސިޓީއެވެ. ދެވަނާގައި ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެން އޮތީ ޓޮޓެންހަމެވެ. ތިންވަނާގައި އޮތް އާސެނަލް އަށް ވެސް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފައެވެ. ސިޓީ މައްޗަށް ކުރި ހޯދި ވުލްވްސް އޮތީ ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވުލްވްސް އިންނެވެ. މި ލަނޑަކީ މެޗުގެ 13 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރ ރުބެން ޑިއާޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ލަނޑު ޖެހުމުގައި ވުލްވްސްގެ ޕެޑްރޯ ނެޓޯގެ ހިއްސާ ބޮޑެވެ. ދަނޑުގެ އަރިމަތިން ލިބުނު ބޯޅަ ސިޓީގެ ދެ ޑިފެންޑަރުން ނައްޓާލުމަށް ފަހު އޭރިއާތެރެއަށ ބޯޅަ ހިފައިގެންވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ވަގުތު އެ ބޯޅައަށް ހުރަސްއަޅަން މަސައްކަތް ކުރުމުގެ ތެރޭ ރުބެން ޑިއާޒްގެ ފައިގައި ޖެހިފައި ވަނީ ބައި ގޯލަށެވެ.
ސިޓީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 58 ވަނަ މިނެޓުގައި ވުލްވްސްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން ހޫލިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ވުލްވެސް މެޗުން މޮޅުވީ 66 ވަނަ މިނެޓުގައި ވަން ހީ-ޗެން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މިއީ ސިޓީއަށް މި ސީޒަންގައި ކުރިމަތިލާން ޖެހުނު ދެވަނަ ބައްޔެވެ. ނިމުނު ހަފްތާގައި ސިޓީ ވަނީ ކަރަބޯ ކަޕް ތިންވަނަ ބުރުން ނިއުކާސަލް އަތުން ބަލިވެ ކަޓާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!