ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ. މިރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ފަސްވަރަކަށް މިނެޓް ޖިރޯނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެ ވަގުތުތެރޭ ފުލުފުލުގައި ޖިރޯނާއިން ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ހުސް ދެ ފުރުޞަތު ތަނަވަސްކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވިއެވެ.

Ad
rt

ނަތީޖާއެއްގެ ގޮތުން ރެއާލުން މަޑުމަޑުން ގޭމް ތެރެއަށް ވަދެ މެޗުގެ ކޮންޓްރޯލް އަތުލައި ލަނޑުޖަހައި ލީޑު ނެގިއެވެ. ރެއާލަށް ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ހޯސެލޫއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޓޯނީ ކްރޫސް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗުއަމެނީ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

ރެއާލަށް ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި ހޯސެލޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ބެލިންހަމްއެވެ. މިއީ ލީގުގައި ރެއާލަށް އޭނާ ކުޅެދިން ހަތް މެޗުގައި ޖެހި ހަވަނަ ލަނޑެވެ. މިވަގުތު ލީގުގެ ޓޮޕް ސްކޯރާ މަގާމުގައި ވެސް އޮތީ ބެލިންހަމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

ރެއާލުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ރެއާލްގެ ކެޕްޓަން ނަޗޯ ޖިރޯނާގެ ޕޯޓޫއަށް ކުރި ނުރައްކާތެރި ޓެކްލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި މޮޅާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިފައެވެ. މިވަގުތު ރެއާލް އެއްވަނާގައި އޮތީ 8 މެޗުން ހޯދި 21 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ބާސާއަށް 8 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް އަތުން ބަލިވި ޖިރޯނާ ތިންވަނާގައި އޮތީ 8 މެޗުން ލިބުނު 19 ޕޮއިންޓާއި އެކުގައެވެ. މިއީ މި ސީޒަންގައި ޖިރޯނާ ބަލިވި ފުރަތަމަ މެޗެވެ.