ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ވީ އެންމެއަވަހަކަށް ގެއަށް ބަދަލުކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ނަތީޖާ އާ ގުޅޭގޮތުން މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މުއިއްޒު ވިދާޅުވީ އެއީ ރައީސް ސާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށާއި މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށެވެ.

ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ކެމްޕެއިން ތެރޭގައި ތަކުރާކޮށް ވިދާޅުވެފައެވެ.

މީގެ އިތުރުން ގާނޫނުއަސާސީ ބުނާގޮތުން މާދަމާ ހެނދުނު 6 ޖެހުމާއި ހަމައަށް އުފާފާޅުކުރުމުގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށާއި އެހެންވެ، އުފާފާޅުކުރުމަށް ބާއްވާ ހާއްސަ ހަފުލާ އޮންނާނީ މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި ދިވެހީންގެ ރާއްޖެ، ދިވެހީން ބޭނުންކަން ހާމަކޮށްދީފި ކަމަށާއި ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކު ކޮށްދެއްވާނެ ކަމަށް ވެސް އިްނތިހާބީ ރައީސް ވަނީ ވިދާޅުވެފައެވެ.