ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރެއް ކަމަށްވާ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު މިއަދު ހަމަލާދީ ޒަހަމް ކޮށްލާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެކަން ކުށްވެރިކުރައްވައިފިއެވެ.

އެ އިދާރާ އިން ވިދާޅުވީ އެ ދެ މެމްބަރުންނަށް ބަޔަކު ހަމަލާދީ އަދިި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށް ވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައި ވެސްް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި އަބުރަށް އަރައިގަތުމާއި ނަފްރަތުގެ ޢަމަލުތައް އިސްކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ މި ޢަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދުމަކޮށްދޭ ކަމަށާއި މިފަދަ މައްސަލަތައް ކަމާއިގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.

އެޗްއާރްސީއެމް އިން މިގޮތަށް ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރައްވާފައެވެ.