ރާއްޖޭގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވޯޓު ލައްވައިފިއެވެ.

ރައީސް ވޯޓު ލައްވާފައިވަނީ ޅ. ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަސްލަމް ވޯޓު ލެއްވީ އައްޑޫ ހިތަދޫ ސްކޫލްގައި ބަހައްޓާފައިވާ 5 ނަންމަބަރު ފޮއްޓަށެވެ.

Ad
rt

މި އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް ކަމަށްވާ ޕީއެންސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވެސް ވަނީ ވޯޓު ލައްވާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް އާއި ސާލިހުގެ އަނބިކަނބަލުންނާއި މުއިއްޒުގެ އަނބިކަނބަލުން ވެސް ވަނީ ވޯޓުލައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް މުއިއްޒު އާއި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ސާލިހްއެވެ.

މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު ވޯޓުލުން ހަވީރު 5 ޖަހަންދެން ކުރިއަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު، ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާފައި ވެއެވެ. އެއީ އަތޮޅުތަކުގައި 319 ފޮށްޓާއި، މާލެ ސަރަހައްދުގައި 187 ފޮށްޓާއި، ރިސޯޓުތަކުގައި 65 ފޮށީގެ އިތުރުން، ރާއްޖޭން ބޭރުގައި 9 ފޮށްޓެވެ. އަދި ހަމައެހެންމެ ޖަލުތަކުގައި 5 ފޮށި ބަހައްޓާފައިވާއިރު ސިނާއީ ސަރަހައްދުގައި 1 ފޮށި ވަނީ ބަހައްޓާފައެވެ.