އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިސަންޑްރޯ މާޓިނޭޒްއަށް ކުރިއަށް އޮތް ދެތިންމަހު ކުޅުމުގެ ތެރެއަށް ނާދެވޭނެ ކަމުގައި މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ.

އުމުރުން 25 އަހަރުގެ މާޓިނޭޒްގެ ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ގޮސް އަނިޔާވެފައި ވަނީ މި އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. އެ އަނިޔާގެ ސަބަބުން ނިމިދިޔަ ސީޒަންގެ ބާކީބައި އޭނާ ކުޅެފައިނުވެއެވެ.

Ad
rt

އަނިޔާއިން ސަލާމަތްވެ އޭނާ ކުޅުމުގެ ތެރެއަށް އައީ މި ސީޒަންގައެވެ. މިގޮތުން އޭނާ ވަނީ ޔުނައިޓެޑަށް މި ސީޒަންގައި ހަ މެޗު ކުޅެފައެވެ. އޭގެ ތެރޭގައި ލީގުގައި އާސެނަލްއާއި ބްރައިޓަން އަތުން ޔުނައިޓެޑް ބަލިވި މެޗާއި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ބަލިވިމެޗް ހިމެނެއެވެ.

ފައިތިލައިގެ ކަށިގަނޑު ބިންދައިގެން ދިޔަ ތަނުގެ ހާލަތު އަނެއްކާ ވެސް ގޯސްވުމުގެ ސަބަބުން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި މާޓިނޭޒް ކުޅެފައިނުވެއެވެ. ޔުނައިޓެޑުން ބުނީ މާޓިނޭޒްއަށް ލިބިފައިވާ އަނިޔާއިން މުޅިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އައުމަށް ދެތިން މަސްދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހެގް ބުނީ މާޓިނޭޒް މުޅިން ފިޓް ނުވުމަކީ އޭނާއަށާއި މުޅި ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

މާޓިނޭޒްއަކީ މިދިޔަ އަހަރު ޖުލައި މަހު ނެދަލެންޑްސްގެ އަޔެކްސް އިން ޔުނައިޓެޑާއި ގުޅުނު ކުޅުންތެރިއެކެވެ. ޔުނައިޓެޑާއި ގުޅުމަށް ފަހު އެ ޓީމްގެ ފަހަތުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ތިންވަނާގައި ޔުނައިޓެޑް ނިންމުމާއި ކަރަބޯ ކަޕް ކަޕް ޔުނައިޓެޑް ކާމިޔާބު ކުރުމުގައި އޭނާގެ ހިއްސާ ބޮޑެވެ.