ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، މިއަދު ރައްޔިތުންގެ މަޖިލިސް އިން ފާސްކޮށްފިއެވެ.
މި ގަރާރުގެ ކޮމެޓީ މަސައްކަތް ހިންގާފައި ވަނީ މުޅި މަޖިލީހުގެ ކޮމެޓީ އެއް ގޮތުގައި ކަނޑައަޅައިގެންނެވެ. މުޅި މަޖިލީހުގެ ކޮމެޓީން 31 މެންބަރުންގެ ތާއީދާއެކު މި ގަރާރު ފާސްކޮށް، އެއަށްފަހު މިއަދު ވަނީ މަޖިލިސް ތަޅުމުގައި މިގާރުގެ ކޮމެޓީ ރިޕޯޓަށް ވޯޓަށް އަހާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ދަ ޑިމޮކްރެޓިކްސްގެ މެމްހަރު އިލްޔާސް ލަބީބު ހުށަހެޅުއްވި މިގަރާރު ފާސްވީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މަޖިލީހުން މިއަދު ފާސްކުރީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގޮތަށެވެ.
މި ގާރާރުގައި ބުނެފައިވާ ގޮތުން އަންނަ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނަގަން ޖެހެއެވެ.
ގަރާރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި 167 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގައި ހަމައެކަނި ކަމަކާމެދު ދެކޭގޮތް ހާމަކުރުމަށްޓަކައި ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް އިން ވަކާލާތު ކުރަމުން އަންނައިރު، މިއަކީ އެޕާޓީގެ މަސައްކަތަށް ލިބިގެން ދިޔަ ކާމިޔާބީއެވެ. މި ގާރާރު ފާސްކުރުމުގައި އެމްޑީޕީއާއި އިދކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތާއީދު ވެސް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!