ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މި ގާރަރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ދަ ޑިމޮކްރެޓިކްސްގެ މެމްހަރު އިލްޔާސް ލަބީބު އެވެ. އިލްޔާގެ ގަރާރު މަޖިލީހަށް ބަލައިގަތީ އިއްޔެއެވެ. އަދި މުޅި މަޖިލީހުގެ ކޮމެޓީއަކުން މި ގަރާރުގެ މަސައްކަތް ވަނީ ކޮށްފައެވެ.

Ad
rt

މި ގަރާރުގައި ގޮވައިލާފައި ވަނީ، 30 ނޮވެމްބަރުގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވުމަށެވެ.

މި ގަރާރު މިއަދު ފާސްކުރީ އިލްޔާސް ހުށަހެޅުއްވި އިސްލާހަކާއެކުއެވެ. އެއީ ގަރާރުގައި އޮތް ތާރީޚް 30 އޮކްޓޯބަރަށް އަވަސް ކުރުމަށް ހުށަހެޅުއްވި އިސްލާހެވެ. މި އިސްލާހާއެކު މި ގަރާރު ފާސްކުރީ، އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ ތާއީދާ އެކުގައެވެ.

މިގޮތައް މި ގަރާރު ފާސްވެފައިވާއިރު ރާއްޖޭގެ ރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ނަގަން އެމްޑީޕީން އިއުތިރާޒު ނުކުރާ ކަމަށް އެ ޕާޓީގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ.

ގަރާރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި 167 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގައި ހަމައެކަނި ކަމަކާމެދު ދެކޭގޮތް ހާމަކުރުމަށްޓަކައި ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.