ޓެކްސީ ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް ގަވާއިދު އުވާލައިފިއެވެ.
ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
އެހެންނަމަވެސް އާ ގަވާއިދުގެ ދަށުން އެހެން ހުރިހައި ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެއީ ގަރާޖެއްގައި އުޅަނދު ބޭއްވުމާއި މެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ކުރިން މި ގިންތީގެ އުޅަނދުތައް ރަޖިސްޓަރީ ކުރަން ބޭނުންވަނީ ގަރާޖު ހުއްދަ ނުވަތަ ގަރާޖު ސިޓީ އެކަންޏެވެ.
ޓެކްސީތަކަށް ގަރާޖު ސިޓީގެ ޝަރުތު އުނިކުރި ނަމަވެސް، އާ ގަވާއިދުގައިވާ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް 10,000 ރުފިޔާ ޓްރާންސްޕޯޓަށް ދައްކަން ޖެހޭ އިރު، މިއީ ކުރިން ނަގަމުން އައި، އެކަމަކު މި ސަރުކާރުން މާރޗު މަހު ގެޒެޓުކުރި ގަވާއިދުގައި އުނިކޮށްފައިވާ މާއްދާ އެކެވެ.
ޓްރާންސްޕޯޓުން ވަނީ އެކިއެކި މަޝްރޫއުތައް ހިންގަން ރާއްޖެއަށް ގެންނަ ވެހިކަލްތަކަށް ވަގުތީ ރަޖިސްޓްރީ ދޫކުރުމަށް މީގެ ކުރިން މިކަހަލަ އުޅަނދުތައް ރަޖިސްޓްރީ ކުރަން އެއްވެސް ފައިސާއެއް ނުނެގިނަމަވެސް އާ ގަވާއިދުގައި 15،000 ރުފިޔާ ނެގުމަށް ވަނީ ހިމަނާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި ބަދަަލަށް ޢަމަލުކުރަން ފަށާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!