ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އުފެއްދި ދަ ޑިމޮކްރެޓްސް، ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ލިބިފައިވަނީ އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމާއި އެކުގައެވެ.
ދަ ޑިމޮކްރެޓްސްއަށް މި ބާރު ލިބުމުގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމްއެވެ. އޭރު މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެވެ. މިހާރު މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.
މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާ ގޮތަށް ބަލައިލާއިރު، އެންމެ ގިނަ ގޮނޑި ހިއްސާ ކުރަނީ ސަރުކާރި ހިންގާ ޕާޓީ އެމްޑީޕީއެވެ. އެމްޑީޕީގެ 56 މެމްބަރުން ތިބިއިރު، ދެވަނައަށް އެންމެ މެމްބަރުން ގިނަ ދަ ޑިމޮކްރެޓްސްގައި ތިބީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނުލައި 13 މެމްބަރުންނެވެ. ދެން މަޖިލީހުގައި ތިބީ ޕީޕީއެމްގެ ތިން މެންބަރުނާއި ޕީއެންސީގެ ތިން މެންބަރުނާއި އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުނާއި ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުންނެވެ.
މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީތަކަށް މި އައި ބަދަލާއިއެކު ބަހުސްގެ ވަގުތަށާއި ދާއިމީ ކޮމެޓީތަކަށް ވެސް ބަދަލު އަންނާނެއެވެ.
ސަރުކާރު ހިންގާ އެމްޑީޕީތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަށް ބޮޑުވެ އެކަން ހައްލު ނުކުރެވި، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!