އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އިންޓައިން ކާމިޔާބު ކޮށްފިއެވެ. ރޭ މިލާނުގެ މައްޗަށް އިންޓައިން ކުރި ހޯދީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މޮޅާއިއެކު އިންޓަ މި ވަނީ ލީގުގައި އެ ޓީމުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ލީގުގެ އެއްވަނާގައި އިންޓަ އޮތީ 12 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ޔުވެންޓަސް އަށް ހަތަރު މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ތިންވަނާގައި މިލާން އޮތީ ހަތަރު މެޗުން ހޯދި 9 ޕޮއިންޓާއި އެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފަސްވަނަ މިނެޓުގައި ޑިމާކޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މިކްތާރިޔަން ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 38 ވަނަ މިނެޓުގައި ޑަމްފްރީސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ މާކަސް ތުރަމްއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޖިރޫޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މިލާންގެ ލެއާއޯ ވަނީ ލަނޑުޖަހައި މިލާނަށް އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް އިންޓައިން ފަހު ހާފުގައި ތިން ލަނޑުޖަހައި ނަތީޖާގެ ފަރަގު ވަނީ ބޮޑު ކޮށްފައެވެ.
އިންޓަގެ ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި މިކްތާރިޔަން ޖަހައިދިންއިރު އިންޓައިގެ ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޗަޅަނގުލޫއެވެ. އިންޓައިގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ފްރަޓޭސީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!