ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި އަޑި ނޭނގޭ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ވައްދައި، އިންތިހާބުގެ ސައްހަކަން ގެއްލުވާލަން މަސައްކަތް ކުރަމުންދާކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. ފީވަކުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު އިލެކްޝަން ކޮމިޝަން އޮތީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި، އަޑިނޭނގޭ އެތަށް ފޯމުތަކެއް ވައްދައި އިންތިބާގެ ސައްހަކަން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އެދި އެކަމަށް ސަމާލުވެގެން ތިބުމަށް މުއިއްޒުވަނީ ގޮވަލާފައެވެ.
"މިއަދު މި ފެންނަނީ އިންތިހާބުގެ ސައްހަކަން ގެއްލުވާލަން، އަޅުގަނޑުމެންގެ ހައްގުތައް ނިގުޅައިގަތުމަށްޓަކައި ބޮޑެތި ކަންތައްތަކެއް ކުރަމުންދަތަން. ރީ- ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ގަވައިދާ ހިލާފަށް އަޑި ނޭންގޭ އެތައް ފޯމްތަކެއް ވައްދާ މުޅި އީސީ އޮތީ ހާސްކަމުގެ ތެރޭގައި. އަޅުގަނޑުމެން އެންމެން ތިބީ ހާސްކަމެއްގެ ތެރޭގައި" މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ވޯޓުލާތަން ބަދަލު ނުކުރަނީސް، އެހެންތަކަށް ބަދަލުވެފައި ވާކަން ފާހަގަވެފައި އެބަހުރި ކަމަށާއި، އެގޮތަށް ހަދައިގެން ހައްގުތައް ނިގުޅައިގަންނަށް މަސައްކަތް ކުރާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ނުކުންނަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެންމެންގެ ކުރިމަތީގައި ހުރި ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެކަތިގަނޑަކަށް ވެގެން ކުރިއަށްދާން ޖެހޭ، އެހެން ނޫނީ ފެނިގެންދާނީ ހިތާމަވެރި މަންޒަރުތަކެއް، ކުރިމަތިން މި ފެންނަނީ އެކަމުގެ ކުލަވަރުތައް" މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!