ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ސިފައިންގެ ލީޑާޝިޕްގެ އިތުބާރު ގެއްލުވާލުމަށާއި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ.

އެކަމަނާ މިގޮތަށް އިލްތިމާސް ކުރެއްވީ ދިފާއީ ވުޒާރާ އިން ނެރުއްވި ބަޔާނެއް މެދުވެރިކުރައްވައެވެ.

Ad
rt

އެ ބަޔާނުގައި ވިދާޅުވީ ސިފައިންގެ ކުރިމަގުގެ ތަރައްގީ އަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާކަން އެ ވުޒާރާ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ "އެކަތަ" ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑު އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި އެ އުޅަނދުފަހަރު މަރާމާތު ކުރުމަށް ތަރައްގީ ކުރަމުންދާ ބަނދަރެއް ކަމަށެވެ، އަދި އުތުރު ތިލަފަޅާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާއި އެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ 2013 ވަނަ އަހަރު، އޭރުގެ ދިފާއީ ވަޒީރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށް އެ ސަރުކާރުގެ ތަސައްވުރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކުރެވުނު "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ" ގައިވެސް، އިންޑިއާ ސަރުކާރާއި ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢުއެއް ހިންގަން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫޢުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު ވަނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖައްސާފައިވާ ކަމަށާއި އެހެންނަމަވެސް ބައެއް ފަރާތްތަކުން ގަސްދުގައި ފަތުރަމުންދާ ދޮގު ޚަބަރުތަކާއި ޚިލާފަށް "އެކަތަ" ބަނދަރާއި، އެ ބަނދަރުގައިވާ އެންމެހާ ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ، ދިވެހިންގެ އަމިއްލަ މިލްކިއްޔާތު ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހަމަމިއާއެކު މި ބަނދަރުގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެ ނުތިބޭނެ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ސިފައިންގެ މުއައްސަސާއަކީ ގައުމުގެ އަމަންއަމާންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެފަހު އައްޑަނަ ކަމަށާއި މިފަދަ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި ސިފައިންގެ ތަރައްގީ އަށް ހިންގޭ މުހިންމު ކަންކަމަށް ހުރަސްއަޅައި، ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވައިލާފައެވެ.