ފްރާންސް ލީގުގައި ރޭ ނީސްއާއި ޕީއެސްޖީ ބައްދަލުކުރި މެޗު ނީސް އިން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޕީއެސްޖީ ވަނީ 3-2 ގެ ނަތީޖާއިން ނީސް އަތުން ބަލިވެފައެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕީއެސްޖީއަށް މި ސީޒަން ފަށައިގެން އަދި މާ އެދެވޭ ނަތީޖާތަކެއް ނުނެރެވެއެވެ. ލީގުގައި މިހާތަނަށް ފަސް މެޗު ކުޅުނުއިރު އޭގެތެރެއިން ޕީއެސްޖީ ވަނީ ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެފައެވެ. ކާމިޔާބު ކުރެވުނީ އެންމެ ދެ މެޗެވެ. މިވަގުތު ޕީއެސްޖީ އޮތީ ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއިއެކު ތާވަލުގެ ތިންވަނާގައެވެ. އެއްވަނާގައި ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން މޮނާކޯ އޮތްއިރު ތިންވަނާގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދި ނީސްއެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނީސް އިންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓެރެމް މޮފީއެވެ. ޕީއެސްޖީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 29 ވަނަ މިނެޓުގައި ހަކީމީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ނީސްގެ ލަބޯޑޭ ވަނީ ލަނޑުޖަހައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. އަދި އެއަށްފަހު 68 ވަނަ މިނެޓުގައި ޓެރެމީ މޮފީ ކާމިޔާބުކުރި ލަނޑުން އެ ޓީމް ލީޑު ފުޅާކުރިއެވެ.
މެޗުގެ 87 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑުޖަހައި ޕީއެސްޖީއަށް އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ ނީސް ކުރީގައި އޮވެގެންނެވެ. އެމްބާޕޭ މި މެޗުގައި ދެ ލަނޑު ކާމިޔާބުކުރި އޭނާ ވަނީ ސީޒަންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ހަތް ލަނޑު ޖަހާފައެވެ.