މި ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަލުރައްވާ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ.
މިއީ ހއ، ހދ އަދި ށ އަތޮޅަށް ކުރައްވާ ދަތުރެއް ކަމަށާއި މމި ދަތުރުގައި އެ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި ދޮރުން ދޮރަށް ހިންގެވުމާއި ކަންމަތީ ބައްދަލުވުންތަކާއި ޖަލްސާތައް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ކެމްޕެއިނު ވެސް، މުއިއްޒު ފައްޓަވާފައިވަނީ ބޮޑުތިލަދުންމަތީގައި ހިމެނޭ ހދ. އަތޮޅުންނެވެ.
ފުރަތަމަ ބުރުގެ ވޯޓުލުމުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބު ކުރެއްވިފައި ނުވާތީ، ދެވަނަ ބުރަކަށް ވަނީ ދާން ޖެހިފައެވެ.
އެގޮތުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހެވެ.
ފުރަތަމަ ބުރުގައި މުއިއްޒަށް 101،494 ވޯޓު ލިބިވަޑައިގެންނެވިއިރު، ސާލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!