ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށް އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީ އާއި ޕީޕީއެމް އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭކަން ފާހަގަކުރެއްވިނަމަވެސް އެ ޕާޓީއާއި އެކު މަޝްވަރާތައް އަދިވެސް ކުރިޔަށް ދާ ކަމަށް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސާލިހު ނާކާމިޔާބު ވެއްޖެ ކަމަށާއި އެހެންވެ އެމަނިކުފާނަށް ދެން ވެސް ގާނޫނުއަސާސީގެ ތެރެއިން ކުރެވެން ހުރި ކަންކަން ކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރެވޭނެ ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި ރައީސް މިކަމާ ވިސްނާވަޑައިގަތުމަށް މިއީ އެންމެ އައުލާކަން ބޮޑު ވަގުތު ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކުރިޔަށް ދާން ބޭނުން ނުވާ ކަމަށާއި ސޮއި ނުކުރެވޭ ނަމަ އެއީ ސީރިޔަސް ކަމެއް ގޮތުގައި ނުބެލެވޭނެ ކަމުގައި ވެސް ހަސަން ވަނީ ވިދާޅުވެފައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓާ އެކު ޑިމޮކްރެޓްސް ތިން ވަނަ އަށް ދިޔުމުން އެމްޑީޕީ އާއި ޕީޕީއެމް އިން އަންނަނީ އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!