300 އަށް ވުރެ ގިނަ މީހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އަލަށް ގުޅިއްޖެއެވެ.

މި ފަރާތްތައް އެ ޕާޓީ އާ ގުޅިފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައެވެ.

Ad
rt

ރޭ ބޭއްވި މި ޖަލްސާގައި ޕީޕީއެމް އާއި އަލަށް ގުޅުނު މީހުންގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ މެމްބަރު މުހައްމަދު އަހުމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރޭ ޕީޕީއެމަށް ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީ އާއި ޖޭޕީގައި ކުރިން އުޅުނު ގިނަ ބަޔަކު ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ ލުބްނާ ޒާހިރު، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު އަހްމަދު (މަނިކު)، ޒުވާނުންގެ ލީގުގެ މެންބަރު ޒިޔާން ޝާކިރު ހިމެނެއެވެ.

ޕީޕީއެމްގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ޕާޓީއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި ކުޅިވަރާއި ވިޔަފާރީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހިމެނެއެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބު 8 ކެންޑިޑޭޓުންނާއެކު މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާއިރު، މިއިން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނައިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ރާއްޖޭގެ ވެރިކަމަށް ކުރިއަށް އޮތް ފަސް އަހަރު ވަޑައިގަންނަވާނެ ބޭފުޅަކު ހޮވުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

އެހެންވެ، ދެވަނަ ބުރު ބޭއްވުމަށް ނިންމާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މި ބުރުގައި ވާދަކުރައްވާނީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.