ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި އެއް އަހަރަށް ފަސްކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ހުރިހައި ކަމެއްގައި ވެސް ސިފައިންނާއި ފުލުހުންނަށް އަޅާލުން އިސްކުރަން ޖެހޭ ކަމަށާއި މި ސަރުކާރުން އެ މީހުންނަށް އިހާނެތިކޮށް ހިތާފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމަން ވައުދުވި ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އަދި ވެސް ނުނިމޭ ކަމަށެވެ.

މީގެ އިތުރުން ތަން ހަވާލުކުރުމާއި ހަމައަށް ދިއުމުން އެ ފްލެޓުތަކުގެ އަގުތައް ބޮޑުކޮށްފައިވާ ކަމަށާއި ފްލެޓުތައް މިހާރު ހުރީ އަތްފޯރާ ފަށަށްވުރެ މަތީގައި ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ ތަންތަނަށް ދައްކަންޖެހޭ އަގު އެއް އަހަރު ދުވަހަށް ލަސްކޮށްދޭނެ ކަމަށާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުން އަންނަ ސިފައިންނާއި ފުލުހުންގެ ފްލެޓަށް ބަހާލައިގެން އަގު ދެއްކޭނެ ލުއި ގޮތެއް ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

"ގައުމީ ޖޯޝުގައި ނުކުމެއްޖެ ނަމަ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނަން. އިސްކަންދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އޮންނާނީ ގައުމީ ވިސްނުން. މި ގައުމުގެ ފަހުރަކީ ސިފައިންނާއި ފުލުހުން." މުއިއްޒު ވިދާޅުވިއެވެ.

ހަމަމިއާއެކު ޕީއެންސީގެ ސަރުކާރެއްގައި އެ ދެ މުއައްސަސާގެ ހުރިހައި ބޭފުޅުންނަކީ އަބުރުވެރި އުޅުމެއް އުޅޭ ބައެއް ކަމުގައި ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ މިނިވަންކަމާ ގުޅޭގޮތުން ސިފައިންނާ ފުލުހުން ތިބީ ވަރަށް ކަންބޮޑުވެފައިކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ ސަރުކާރުގެ ނޭއްގާނީ މަސައްކަތުގައި ބައިވެރިވާން އެ މީހުންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް މިނިވަންކަމަކީ އެގޮތަށް ދޫކޮށްލެވޭނެ އެއްޗެއް ނޫން ކަމާއި މުހައްމަދު ތަކުރުފާނު ދިވެހީންނަށް ރާއްޖެ ހޯދައިދިން ގޮތަށް، މި މަހު ބާއްވާ އިންތިހާބުން ދިވެހިންނަށް ރާއްޖެ ހޯދައިދޭނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.