އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އެންމެން ބާކީވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބޮންޑެ ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަގުގައި ވެރިކަން ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި ޑިމޮކްރެޓްސް އިން ބޭނުން ވަނީ ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ނުހިނގާނެ ގޮތެއް ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.
ޕީޕީއެމާއި ޕީއެންސީއާ ދޭތެރޭގައި މައްސަލަ އެބައޮތް ކަމަށާއި އެމްޑީޕީއާ ދޭތެރޭގައި ވީ ގޮތަށް އެ ދެ ޕާޓީ އަށް ވެސް ވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ. އަދި ވަކި ހިސާބަކުން ރައީސް ޔާމީނަށް ތާއީދު ކުރައްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މެން ފަދަ ބޭފުޅުން ބާކީވާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު ބުނާނެ ޕީޕީއެމް މީހުން، ބޭނުން ވަނީ އެ ނޫން ގޮތެކޭ. އެއީ ކީއްވެ؟ ވަޒީފާތަކާއި އެހެން ހުރިހާ އެއްޗެއް ލިބޭނެ އަނެއްކާ ވެސް. މިހާރު ވެސް ޕީޕީއެމް އޮތީ ޕީއެންސީއާ ދޭތެރޭގައި މައްސަލަ އުފެދިފައި. އެހެނެއް ނޫން ޔާމީން އެކަނި ހުރި ނަމަ ރަނގަޅުވީސް. ނަމަވެސް އަނެއްކާ ވެސް ފެންނާނީ މި މައްސަލަތަކުގެ ތެރޭގައި މިކަން (އެމްޑީޕީ އަށް ވި ގޮތް) ތަކުރާރުވާ ތަން،" ބޮންޑެ ވިދާޅުވިއެވެ.
"އިއްޒަތްތެރި އާދަމް ޝަރީފް ބާކީ ވާނެ. ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ބާކީވާނެ. ހުރިހާ އެންމެން ބާކީ ވާނެ. ޔާމީނަށް ތާއީދު ކުރާ އެންމެން ބާކީ ވާނެ. އެއީ އެކަން އޮންނާނެ ގޮތް،"
ބޮންޑެ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނާ ފަސާދައިން ވޯޓު ގަންނަން އުޅުނަސް އެއްވެސް ސަރުކާރަކަށް އެކަން ކާމިޔާބު ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ކޮންމެ ފަހަރަކު ވެސް ވޯޓު ދެނީ ބަދަލަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރީ ފަހަރު ޔާމީނު ނޫން ގޮތެއް، މިފަހަރު އިބޫ ނޫން ގޮތެއް، ދެން އަންނަ ފަހަރު މުއިއްޒު ނޫން ގޮތެއް. މިއީ ވެރިކަން ހިންގާ ގޮތެއް ނޫން،" ބޮންޑެ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!