ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނިންމަން ރައްޔިތުން ކުރި ހަރަދު އޭނާގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އެ އަވަށުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނުނިންމާ މި ސަރުކާރުން ހަވާލު ކުރުމުން އާއްމުން ދަރަނިވެރިވެ، ވަރަށް ބޮޑު ތަކުލީފެއް ޖެހުނު ކަމަށާއި އޭނާގެ ވެރިކަމެއްގައި ސަރުކާރުން އެ ހަރަދު ފޫބައްދައި ދިނުމަށް ކޮންމެ ފްލެޓް ވެރިޔަކަށް އެވްރެޖްކޮށް ދެ ލައްކަ ރުފިޔާ ދެއްވާނެ ކަމަށެވެ.

Ad
rt

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމެ. ކޮސްޓުން ކަނޑައިދޭނަމޭ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އެކަން ކުރައްވާނެ ގޮތުގެ ތަފްސީލް ވެސް ދެއްވައިފައެވެ. އެގޮތުން އާބަންކޯ މެދުވެރިކޮށް ލޯނެއް ނަންގަވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓުތަކަކީ ރައްޔިތުން އުޅެން ހެޔޮވަރު ތަނެއް ނޫން ކަމަށް ދައްކައި، އެ ފްލެޓްތައް ތަޅާލަން މި ސަރުކާރުން އުޅުނު ކަމަށެވެ. އަދި އެންމެ ފަހުން ރައްޔިތުންނާ ދޭތެރޭގައި ނުވިސްނާ ސަރުކާރުން ހަވާލު ކުރީ "ހަތަރު ފާރު" ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ހިޔާ ފްލެޓްތައް ހަވާލު ކުރި އިރު، ދޮރާއި މުށި ޖެހުމާއި ފަންކާ އާއި ބޮކި ހަރު ކުރުން ފަދަ ކަންކަން ހުރީ ނުކޮށެވެ. އެހެންވެ، އެ މަސައްކަތްތައް ނިންމުމަށް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ވަނީ ބޮޑެތި ލޯންތަކެއް ނަގައިފައެވެ. ބައެއް މީހުން ހަތަރެއް، ނޫނީ ފަސް ލައްކަ ރުފިޔާގެ ލޯން ވެސް ނަގާފައިވެއެވެ. އެކަމަކު، އެންމެ ގިނަ ބަޔަކު ލޯން ނަގާފައި ހުރީ އެއް ލައްކަ އާއި ތިން ލައްކައާ ދެމެދުގެ އަދަދެކެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ނިންމަން ފުރަތަމަ ދީފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 8،500ރ ދައްކާ ގޮތަށެވެ. އެއީ މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކީގައެވެ. ނަމަވެސް މި އަހަރުގެ މޭ މަހު ހިޔާގެ ކުލި 6،300ރ. އަށް މި ސަރުކާރުން ހަމަޖައްސައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު އިތުރު ދެ އަހަރާ އެކުގައި 27 އަހަރަށް ދަންމާލިއެވެ.