ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގރ ނައިބު ރައީސް އިސްލާމިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8 ން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށެވެ.

Ad
rt

މިގޮތަށް ނިންމީ ނިމިދިޔަ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އެހެން އިންތިހާބުތަކާއި އަޅާބަލާއިރު، މަދުވުމާއި އެކު ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން މި ނިންމުމަކީ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމެޓީ އާ ވެސް މަޝްވަރާ ކުރެއްވުމަށްފަހު، ނިންމި ނިންމުމެއް ކަމަށާއި އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުން ވެސް ބޭނުންފުޅުވަނީ ވޯޓުލާ ވަގުތު އިތުރުކޮށް، ވޯޓުލުމުގެ ހައްގު ވީހާވެސް ގިނަ މީހުންނަށް ދިނުމަށް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ފާއިތުވެދިޔަ އިންތިހާބުތަކާއި ނިމިދިޔަ ފުރަތަމަ ބުރުގެ އިންތިހާބުގައި ވެސް ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 8 ން ހަވީރު 4 ޖަހަންދެންނެެވެ.

އެހެން އިންތިހާބުތަކުގައި ވޯޓުލާ ވަގުތު އިތުރުކޮށްފައިވީނަމަވެސް މިފަހަރުގެ އިންތިހާބުގައި އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ. އަދި އީސީ އިން ވަނީ ވަގުތު އިތުރު ނުކުރާނެކަން ދުރައިލާ އިއުލާނު ވެސް ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުފެ ދެވަނަ ބުރު ބޭއްވުމަށް ނިންމާފައިވަނީ މމި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ފުރަތަމަ ބުރުގައި 101635 ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައިގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑަގެންފައިވަނީ 86161 ވޯޓެވެ.

ދެން އެންމެގިނަ ވޯޓު ލިބިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އޭނާ އަށް 15839 ވޯޓު ލިބިވަޑައިގެންއިރު، އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ 6343 ވޯޓު ހޯއްދަވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް 5460 ވޯޓު ލިބިވަޑައިގެންފައިވާއިރު، އަމިއްލަގޮތުން ވާދަކުރެއްވި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫނަށް 2979 ވޯޓު ލިބިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމަށް 1907 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ލިބިލެއްވީ 327 ވޯޓެވެ.

އީސީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސައްހަ ވޯޓުގެ އަދަދަކީ 220651 އެވެ. އަދި 4835 ވޯޓު ވަނީ ބާތިލުވެފައެވެ.