އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު އިސްތިއުފާ ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ގައި ހުންނެވި ޒާމިރުގެ އިސްތިއުފާގެ ސިޓީގައި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

Ad
rt

އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެންމެންގެ ބުރަ މަސަައްކަތުން 2018 ވަނަ އަހަރު އުފެދުނު ކޯލިޝަން ސަރުކާރުގައި ދިވެހި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމަށް އޭނާ އަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށެވެ.

މީގެ އިތުރުން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެެއްގައި ވަނީ މިއީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި އެެހެންވެ އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވައި، ލިބިވަޑައިގަތީ 5،524 ވޯޓެވެ. އެއީ 2.5 އިންސައްތަ ވޯޓެވެ.

ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކު އަނި ނިންމާފައެއް ނުވެއެވެ. އެކަމަކު އިސްލާހީ މަސައްކަތުގައި ކުރިއަށްދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.