ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މާދަމާ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރަން ހަމަޖެހިއްޖެއެވެ.
"ތިލަދުން" އަށް އެނގިފައިވާ ގޮތުގައި، ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ގާސިމްއާ ވަނީ ބައްދަލު ކުރައްވައިފައެވެ. ސަން އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ގާސިމް ވަނީ ވަކިވަކިން ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ވިސްނުން ހުރި ގޮތް އޮޅުން ފިލުއްވައިފައެވެ.
ބައެއް ބޭފުޅުން ދެވަނަ ބުރުގައި ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އަދި އެއް ބަޔަކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ބޭނުންވާ އިރު، ވަކި ކޮޅެއް ނުނަންގަވާ ތިއްބަވަން ބޭނުންވާ ބޭފުޅުން ވެސް އެބަތިއްބެވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %2 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ފަސް ވަނަ އަށް ދިއުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.
ގާސިމަށް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީއިން ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި، ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި އިގްތިސޯދީ ދުޅަހެޔޮކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށް ވެސް ޖޭޕީން ބުނެފައިވެއެވެ.
ދެ ވަނަ ބުރުގައި އެ ޕާޓީން ނިންމާ ގޮތެއް ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ޖޭޕީން ބުނެފައިވެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށާއި ރަނިންމޭޓް ޑރ. އަމީން އިބްރާހިމަށް ވޯޓު ދިން އެންމެންނަށް ޖޭޕީން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ރިޔާސީ ރޭހުގައި ވާދަކުރައްވައި ކާމިޔާބީ ހާސިލް ކުރެއްވި ދެ ބޭފުޅުންނަށް ޖޭޕީގެ ފަރާތުން ވަނީ މަރުހަބާ ކިޔާފައެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތަށް ޖައްސާލައި އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަށް ވެފައެވެ. މުއިއްޒު، ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު %50 ހުރަސް ނުކުރާތީ، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!