ދިވެހި ސިފައިންގެ ބަދަހި ސަފުތަކަށް ކިލަނބުކަން ލިބޭ ފަދަ ވާހަކަ ނުފަތުރަން އެމްއެންޑީއެފުން މިރޭ އެދިއްޖެއެވެ.

އެމްއެންޑީއެފުން މިގޮތަށް ބުނެފައި ވަނީ "ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅު ހަދަނީ" މި ސުރުހީގެ ދަށުން "ދިޔަރެސް" ނޫހުން ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ.

Ad
rt

ނޫސްވެރިން ތިބޭ ވައިބާ ގްރޫޕްގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފައިންގެ ލީޑަޝިޕްގެ ބޭފުޅުންނާ ބެހޭ ގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ. ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވައިދުތަކަށް ފުރިހަމަ އަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސް އާ އެއްގޮތަށް އަމަލު ކުރާ ބައެއްގެ ގޮތުގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދިފާއުކޮށް ރައްކާތެރި ކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފް އޮފިޝަލް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ސިފައިން ނުދޭނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"ވީމާ އެއްވެސް މަގްސަދެއްގައި ސިފައިންގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަމަށް ކިލަނބުކަން ލިބޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.