މި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން ފުރަތަމަ ބުރުގައި 101635 ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައިގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑަގެންފައިވަނީ 86161 ވޯޓެވެ.
ދެން އެންމެގިނަ ވޯޓު ލިބިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އޭނާ އަށް 15839 ވޯޓު ލިބިވަޑައިގެންއިރު، އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ 6343 ވޯޓު ހޯއްދަވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް 5460 ވޯޓު ލިބިވަޑައިގެންފައިވާއިރު، އަމިއްލަގޮތުން ވާދަކުރެއްވި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫނަށް 2979 ވޯޓު ލިބިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމަށް 1907 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ލިބިލެއްވީ 327 ވޯޓެވެ.
އީސީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސައްހަ ވޯޓުގެ އަދަދަކީ 220651 އެވެ. އަދި 4835 ވޯޓު ވަނީ ބާތިލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!