ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ގަބޫލު ކުރާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނަތީޖާ ގަބޫލުކޮށް، ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި އިންތިހާބުގައި ކުރި ހޯއްދެވި ދެ ޕާޓީ އަށާއި ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް މަރުހަބާ ކިޔާ ކަމަށެވެ.
އެގޮތުން އިންތިހާބުގެ އެންމެކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށާއި ރަނިންމޭޓް އުސްތާޒު ހުސައިން މުހައްމަދު ލަތީފަށާއި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ސާލިހަށާއި ރަނިންމޭޓް މުހައްމަދު އަސްލަމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މީގެ އިތުރުން އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން ދެވަނަ ބުރެއް އޮންނާނެ ކަމަށް ގަބޫލު ކުރެވޭތީ، އެ ބުރުގައި އެމްއެންޕީ އިން ނިންމާނެ ގޮތެއް ހިއްސާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ޕާޓީ އަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އުފައްދާފައިވާ ގައުމީ ޕާޓީއަކަށް ވުމާއެކުޕާޓީގެ ސިޔާސީ ހަރަކާތްތަައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްއެންޕީ އިން ވަނީ މި އިންތިހާބުގައި އެ ޕާޓީއަށް ވޮލަންޓިއާކޮށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި މުވައްޒަފުންނަށާއި ވޯޓު ދެއްވި ހުރިހައި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ޕާޓީ އުފައްދައިގެން މިވީ ދެ އަހަރާއި ގާތްކުރާ މުއްދަތުގައި އެ ޕާޓީ އިން ހޯދާފައިވާ ކާމިޔާބީތައް ފާހަަގަކޮށް، ވޭތުވެދިޔަތަނުގައި އެ ޕާޓީގައި ތިބި ދިވެހި ރައްޔިތުންނަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!