މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން ވޯޓު ލައްވައިފިއެވެ.
އެގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ވޯޓު ލައްވާފައިވަނީ ޅ ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވޯޓު ލައްވާފައިވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައި ހުރި މާފަންނު އުތުރު ދާއިރާގެ ދެވަނަ ވޯޓު ފޮށްޓަށެވެ.
މީގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ތާޖުއްދީން ސްކޫލު ހޯލުގައި ބަހައްޓާފައިވާ މާފަންދު ދެކުނު ދާއިރާގެ އެއް ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލައްވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވޯޓު ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައި ހުރި މާފަންނު ހުޅަނގު-1 ފޮއްޓަށެވެ. އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވޯޓުލެއްވީ ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި އައްޑޫ ސިޓީ، މާލެ 1 ނަންބަރު ފޮށްޓަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 8 ޖެހިއިރުއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު، އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވަނީ ހަ ފޮއްޓެވެ. ވިލިމާލޭގައި ހަތް ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވާއިރު ހުޅުލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބެހެއްޓިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާޢި އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!