ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
ރާއްޖޭގެ ގިނަ ސަރަހައްދެއްގައި ވެސް ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ.
ރާއްޖޭގެ ވެރިކަމުގައި ކުރިއަށް އޮތް ފަސް އަހަރަށް ހުންނަވާނެ ބޭފުޅަކު އައްޔަން ކުރުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ފެށުމުގެ ގާތްގަޑަކަށް ގަޑިއެއްހައި އިރު ކުރިން އެކި ސަރަހައްދުތަކުގައި ވަނީ ކިޔޫ ހަދާފައެވެ.
ވޯޓުލުން ނިންމައިލާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ނަމަވެސް އެވަގުތާއި ޖެހޭ އިރު، ކިޔޫގައި ތިބި މީހުންނަށް ވޯޓުލުމަށް ފުރުސަތު ދޭނެއެވެ. އަދި ވޯޓު ފޮށި ބަންދު ކުރާތާ 30 މިނެޓް ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ.
ލަންޑަން ނުވަތަ ޔޫކޭ ގައި ބަހައްޓާ ފޮށީގެ ވޯޓުލުން ފެށޭނީ ރާއްޖެ ގަޑިން މެންދުރު 12 ޖަހާއިރު ކަމަށާއި އެއީ އެ ގައުމާއި ރާއްޖޭގެ ގަޑީގެ ތަފާތު ކަމުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި މި ފަހަރު ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބިދޭއިރު، ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި 176 ފޮއްޓާއި އަތޮޅު ތެރޭގައި 319 ފޮއްޓާއި ރިސޯޓުތަކުގައި 65 ފޮއްޓެވެ. އަދި ރާއްޖެއިން ބޭރުގައި 8 ފޮއްޓާއި ޖަލުތަކާއި ސިނާއީ ރަށްރަށުގައި 6 ފޮއްޓި ބަހައްޓާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!