ޅ. އަތޮޅު ކުރެންދުއާއި އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.
ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 53.3 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 3.5 މީޓަރުގެ ފުންމިނަށް ބަނދަރުތެރެ ކޮނުމާއި، 405 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަ ޖެހުމާއި، 10 މީޓަރުގެ ސަބްމާޖްޑް ބޮޑުހިލައިގެ ބްރޭކްވޯޓަ ޖެހުމާއި، 63 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި އަދި ކޮންކްރީޓް ދެ ޖެޓީ ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.
އޮޅުވެލިފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގެ ބަނދަރު 3 މީޓަރަށް ފުންކޮށް، ނެރު 4 މީޓަރަށް ފުން ކުރާނެއެވެ. އަދި 164 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 157 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަ ޖެހުމާއި، 156 މީޓަރުގެ ސޭންޑްފިލްޑް ބޮޑުހިލައިގެ ބްރޭކްވޯޓަ ޖެހުމާއި، 24 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، 246 މީޓަރުގެ އެލް ބްލޮކް ވާޓަރު ހެދުމާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، ކޮންކްރީޓް ޕޭވްމަންޓެއް ހެދުމާއި، އެކްސެސް ރޭމްޕަކާއި ބްރިޖް އަދި ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 66.4 މިލިއަން ރުފިޔާއަށެވެ.
ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 50 މީޓަރުގެ ބޭރުތޮށި ޖެހުމާއި ދެ ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 6.1 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!