ޑިމޮކްރެޓުންގެ ވެރިކަމެއްގައި ބޮޑު ތިލަދުންމައްޗަށް އިންވެސްޓްމެންޓް ބޭންކެއް ގެނެސްދޭނެކަމުގެ ޔަގީންކަން އެ ޕާޓީން ދީފިއެވެ.

މި ޔަގީންކަން އެ ޕާޓީން ދިނީ ކެމްޕޭނަށް ހއ. ދިއްދޫއަށް ކުރެއްވި ދަތުރުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސައިން އަމްރުއެވެ.

Ad
rt

އޭނާ ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ތަރައްގީ އަންނަންޖެހޭ ވަރާ ގާތަށް ވެސް ތަރައްގީ އައިސްފައި ނުވާ ކަމަށާއި އެހެންކަމުން ބޮޑުތިލަދުންމަތި ތަރައްގީކުރުމަށް އަމާޒުކޮށްގެން ޑިމޮކްރެޓުން ގެންނާނީ އިންވެސްޓްމަންޓް ބޭންކެއް ކަމަށެވެ.

އިންވެސްޓްމަންޓް ބޭންކެއް ގެނެސް އެ ސަރަހައްދުގައި ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ލޯނު ދޫކުރުމުން ބޮޑު ތިލަދުންމައްޗަށް އަންނަ ބޮޑު ބަދަލު ފެންނާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

"ދަ ޑިމޮކްރެޓްސްއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ހއ. ހދ. އަދި ށ. އަތޮޅު -- ބޮޑު ތިލަދުންމައްޗަށް އިންވެސްޓްމެންޓް ބޭންކެއް ގެނެސްދޭނަން." އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ސޮވެރިން ގެރެންޓީ ދޭ އުސޫލަށް ފާޑުވިދާޅުވެ، އަމްރު ވިދާޅުވީ ލޯނަށް ގެރެންޓީ ދޭން ޖެހޭނީ ހަމައެކަނި މުއްސަނދިންނަށް ނޫން ކަމަށާއި އަލަށް ވިޔަފާރި ފަށައި، އެ ވިޔަފާރި ފުޅާކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

ޑިމޮކްރެޓުންގެ ވެރިކަމެއްގައި އާންމު މީހާގެ ތަނަވަސްކަމާއި ފުދުއްތެރިކަން އިތުރުވާނެ ކަމުގެ ޔަގީންކަން ދެމުން އަންނައިރު، އެފަދަ ބައެއް ސިޔާސަތުތައް ވެސް އެ ޕާޓީން ގެންދަނީ ހާމަކުރަމުންނެވެ.

ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.