މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބާއި ބެހޭ ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން ގެންދާ ކަމުގެ ޝަކުވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ އިންތިހާބުތަކާއި ބެހޭ ގާނޫނާއި ގަވައިދުގައި ބުނަނީ ވޯޓުލާ މަރުކަޒަށް އަންނަ މީހަކު އޭނާއަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަނި ކަމަށާއި އެހެން އިތުރު އެއްވެސް އެއްޗެއް އެ މީހަކަށް ނުވެއްދޭނެ ނުވަތަ ނުގެނެވޭނެ ކަމަށެވެ.

އެހެންކަމުން ކޮމިޝަނުން އާދައިގެ ގަލަމީ ކޮބައިތޯ ނިންމާފައިވާ ކަމަށާއި އެގޮތުން އާދައިގެން ގަލަމެއްގެ ގޮތުގައި ނިންމި ނިންމުގައި މި އޮންނަނީ އާދައިގެ ގަލަމެއްގެ ގޮތުގައި ބަލަނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށެވެ.

"އެހެންވީމަ ވޯޓުލާ މަރުކަޒަށް ވޯޓުލާ މީހަކު ކަޅު ނުވަތަ ނޫ ކުލަ ނޫން އެހެން ގަލަމެއް ގެނެސްފިއްޔާ އެއީ ގާނޫނުގައި ބުނާ އާދައިގެން ގަލަމެއް ނޫން ކަމަށް އޮފިޝަލުން ބަލާނީ. އަމިއްލައަށް ގަލަން ހިފައިގެން އައުމުން އެ ގަލަށް ޗެކް ކުރާނެ އޮފިޝަލުން. އެއީ ކޮން ކުލައެއްގެ ގަލަމެއްތޯ އާއި އެއީ އާދައިގެ ގަލަމެއްތޯ." ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އެގޮތަށް ޗެކް ކުރާއިރު، އެއީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ކަމަށްވާނަމަ، އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ ކަމަށާއި އާންމުކޮށް ބޭނުންކުރާ ގަލަމަކީ އާދައިގެ ގަލަން ކަމަށެވެ.

ހަބީބް އިތުރަށް ވިދާޅުވީ ވޯޓުލާ މަރުކަޒުގައި ވޯޓުލާ ބޫތްގައި ގަލަމެއް އޮންނާނެ ކަމަށާއި އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބޫތުގައި އޮތް ގަލަން ބޭނުން ކުރުން ކަމަށެވެ.

އެކަމަށް ހުރިހާ ރައްޔިތުން ސަމާލުކަމަށް ބެހެއްޓުމަށް އިރުޝާދު ދެއްވަމުން ހަބީބު ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ލަފާދޭ ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރި ކަމަކީ ވޯޓު ކަރުދާހުގައި ފާހަގަޖަހާއިރު، އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ބައެއް މީހުނަށް މަޖްބޫރުކޮށްގެން ޖެހުމަށް އަންގަމުންދާ ކަމަށެވެ.

ކޮމިޝަނުން ވިސްނާ ގޮތުގައި ވޯޓުލާ މީހަކަށް އެއްވެސް ކަހަލަ މަޖްބޫރީ ހާލަތެއް ނޯންނާނެ ކަމަށާއި އޭނާ ވޯޓުލާން ވާނީ އޭނާގެ އަމިއްލަ އިހްތިޔާރުގައި އޭނައަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރަނގަޅު އެއް ފާހަގައަށްވުރެ ގިނަ ފާހަގަ، ނިޝާން ނުވަތަ ކުރެހުމެއް އޮވެޖިއްޔާ އެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ނިންމި ދެވަނަ ނިންމުގައި ނިންމާފައިވަނީ ކޮންމެ މީހަކު ވެސް އެމީހަކަށް ފެންނަ ކެނޑިޑޭޓްގެ ނަމާއި ދިމާލުގައި ޖެހޭނީ އެންމެ ފާހަގައެއް ކަމަށް ހަބީބް ވިދާޅުވިއެވެ. އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ލިޔެފިއްޔާ އެ ވޯޓު ވެގެންދާނީ ބާތިލް ވޯޓަކަށް ކަމަށް ވިދާޅުވިއެވެ.