ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމޭއިރު، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް، މާލެއަކީ ހިތްފަސޭހަ، އަމާން، ހާސްކަމުން ނެއްޓިފައިވާ ސިޓީއަކަށް ބަދަލުކުރައްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓުންގެ "ވެށިފަހި މާލެ" ޕްރޮގްރާމް އޮޅުންފިލުވައިދިނުމަށް މާލޭގެ ކަންކަންމަތީގައި ބާއްވަމުންދާ ސިލްސިލާ ޕިކަޕް ބައްދަލުވުންތަކުގެ ތެރެއިން ރުއްކެނޑިޔާ މަގާއި، ލޮނުޒިޔާރަތް މަގު ކަންމަތީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޑިމޮކްރެޓުންގެ ހުށަހަޅާ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭ އެންމެ ތޮއްޖެހިފައިވާ 10 ކޮށިން ތަނަވަސް ބޯހިޔާވަހިކަމަށް އެދޭ ޢާއިލާތަކަށް އަލަށް 5 ކޮއްޓެއްގައި ޢިމާރާތްކުރާ ކޮންޑޮމީނިއަމް ޔުނިޓުތަކަށް ބަދަލުވުމުގެ ފުރުސަތު ހުވޭނެ ކަމަށެވެ.

Ad
rt

މިއީ މި ސިޔާސަތުގެ ފުރަތަމަ ފިޔަވަހި ކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އިހްތިޔާރީ ކަމެއްގެ ގޮތުގައި އެ ޕާޓީން ވަނީ ނިންމާފައެވެ.

ޑިމޮކްރެޓުންގެ މި ސިޔާސަތުގައި ފާހަގަކޮށްފައިވާ މާލޭގެ އެންމެ ތޮށްޖެހިފައިވާ 10 ބްލޮކްގެ 18 އަހަރުން މަތީގެ 4187 ރަށްވެހިންނަށް ސީދާ އެޑްރެސްކޮށް 30 އޮގަސްޓްވީ ބުދަ ދުވަހުން ފެށިގެން، އިލްޔާސް ލަބީބް ސޮއިކުރައްވާފައިވާ ސިޓީއެއް ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ލީފްލެޓާއި، ޕޯސްޓަރާއެކު މިހާރުދަނީ ފޮނުވަމުންނެވެ.

ޑިމޮކްރެޓުން ބުނީ ގުޅީފަޅާއި، ގިރާވަރު ފަޅުން ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެފަޅުތައް ހިއްކާ، ރިވެޓްމަންޓު ޖަހާ، މަގުތަކާއި، ނަރުދަމާ އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމިކޮށް ނިންމުމަށް ދިހައެއް ނުވަތަ ފަނަރު އަހަރު ވޭތުވާނެ ކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަން ހައްލުނުވެ އެމުއްދަތު ވޭތިވެއްޖެ މާލޭގެ އެތައް ޢާއިލާތަކެއް ރޫޅި، މަސްތުވަތާކެތީގެ ވަބާގައި ޖެހި، ކިތަންމެ ބައެއްގެ ޙަޔާތް ބަރުބާދުވެ ހިނގައިދާނެކަމަށްވެސް ޑިމޮކްރެޓުން ބުނެއެވެ.

ޑިމޮކްރެޓުން ހުށަހަޅާފައިވާ މި ސިޔާސަތަކީ ސިންގަޕޫރާއި މެލޭޝިޔާ ފަދަ ގައުމުތަކުގެ އާބަން ސެންޓަރުތަކުން ތަޖުރިބާކޮށް, ކާމިޔާބުކޮށްފައިވާ މޮޑެލްއެއްކަމަށް އެ ޕާޓީން ބުނެއެވެ.

މި ސިޔާސަތުގައިވާގޮތުން އަލަށް ޑެވަލޮޕްކުރާ ކޮންޑޮމީނިއަމްތައް ބިނާކުރާއިރު، ވަށައިގެން ހުރި މަގުތައް ފުޅާކޮށް ފެހި ކުރެވޭނެއެވެ.

މުނިފޫހިފިލުވުމާއި, ކަސްރަތާއި, ވިޔަފާރިއާއި, އިޖުތިމާޢީ ޙަރަކާތްތަކަށް ޖާގަ އެކަށައަޅާފައި ހުންނާނެއެވެ. އަދި ޑޭ ކެޔާރއާއި އެލްޑަރލީ ކެޔާރ ސެންޓަރުތައްވެސް އަލަށް ތަރައްގީކުރާ ކޮށިތަކުގެ ބިނާކުރެވޭނެއެވެ.