އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 19 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.
ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށް އޭޑީބީ އިން ދިން 18.7 މިލިއަން ޑޮލަރު ނުވަތަ 288 މިލިއަން ރުފިޔާގެ ހިލޭ އެހީ އަކީ އެ ބޭންކުން ރާއްޖެއަށް އަމާޒުކޮށް މިހާރު ކުރިއަށްގެންދާ "ސްޓްރެންތްނިން ފިސްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް"ގެ ތެރެއިން ދިން އެހީއެކެވެ.
މި ޕްރޮގްރާމް 2024 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި އެހީ އަމާޒުކޮށްފައިވަނީ ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން މެދު ރާސްތާގައި ކުރާ މަސައްކަތް ތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
މީގެ އިތުރުންވެސް އޭޑީބީގެ "ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް ޑެޓް މެނޭޖްމަންޓް" އިން އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ވެސް ވަނީ ރާއްޖެއަށް ދީފައެވެ.
އޭޑީބީ އިން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް އެހީތެރިވުމަށް ނިންމާފައިވަނީ މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ފާސްކުރުމާއި ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ތައާރަފްކުރުމާއި އިންކަމް ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމަށެވެ. އަދި ދައުލަތުގެ ދަރަނި މެނޭޖު ކުރުމާ ބެހޭ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށެވެ.
މީގެ އިތުރުން ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމާއި ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ތަންފީޒުކުރަން ފެށުމާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށެވެ.
ހަމަމިއާއެކު އޭޑީބީގެ ޕްރޮގްރާމްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރު ކުރުމަށް ކްލައިމެޓް އެމަޖެންސީ ގާނޫނާއި ހަކަތައިގެ ގާނޫނު ތަންފީޒުކުރުމާއި ފެނާއި، ކަރަންޓު އަދި ސިއްހީ ފަރުވާގެ ސަބްސިޑީ، ހައްގުވެރިންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ ކުރިންވެސް އޭޑީބީން ވަނީ ބައެއް ޓެކްސްތަކާއި ގާނޫނުތައް ހަރުދަނާ ކުރަން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްފައިވާއިރު، ޖީއެސްޓީ، އެއާޕޯޓް ޓެކްސް އާއި ފީ ނެގުން އަދި ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނާއި ގްރީން ޓެކްސްއާ ގުޅޭ ގަވާއިދު އެ މަސައްކަތްތަކަކީ އެ ޖަމިއްޔާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ މަސައްކަތްތަކެވެ.
އޭޑީބީ އަކީ ފަގީރުކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. 1966 ވަނަ އަހަރު އުފެދުނު މި ކުންފުނީގައި 49 ރީޖަން އިން 68 މެންބަރުން އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!